އިސްލާމިކް މިނިސްޓްރީގެ ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީ އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެ ވުޒާރާގެ ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، ވުޒާރާގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މި ސޮއިކުރި އެއްބަސްވުމުގެ މަޤްސަދަކީ ރައްޔިތުންނަށް ލިބޭ ޚިދްމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް މަގުފަހިކޮށްދިނުން ކަމަށެވެ.