ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް އިސްލާމިކް މިނިސްޓްރީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ނައިބު ރައީީސް ވަނީ، އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަރުޙަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވަން ތިއްބެވި ފަރާތްތަކުންވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަފްތާ 14ގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައިވެސް އެވުޒާރާގެ ދާއިރާއިން މުހިންމު ބަދަލުތަކެއް ގެނެސްދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކަމަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތްކުރިޔަށް ގެންދެވުމަށް ހިތްވަރުދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ ވޭތުވެދިޔަ ހަތަރު ހަފްތާގައި އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ކުރު ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު، މިނިސްޓްރީގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިން ބައްދަލުކުރައްވައި މަސްވަރާކުރެއްވިއެވެ. އިސްލާމިކް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ”ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ޤާނޫނުގެ ތަޞައްވުރު“ ފޮތެއް ހަދިޔާކުރެއްވިއެވެ.
