ސަރުކާރާއި އާބަންކޯ އިން ވެސް ޚަރަދެއް ނުކޮށް، ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދާ ގޮތް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ސިޓީ ތަރައްޤީ ކުރާ ކ.ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު އާއި ގުޅޭ މަޢުލޫމާތު މިއަދު ނޫޫސްވެރިންނާ ހިއްސާ ކުރައްވަމުން ފަޒުލް ވިދާޅުވީ އެ މަޝްރޫޢު ހިންގާނީ، އެ ފަޅު ހިއްކަން ޙަވާލުކޮށްފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިން ދީގެން ކަމަށެވެ. އެއީ ހުޅުމާލެއިން ދީފައިވާ 10 ހެކްޓަރުގެ ބިމާއި، އަލަށް ހިއްކާ ރަސްމާލެއިން ދޭ ގޮތަށް ހަމަޖެހިފައިވާ 60 ހެކްޓަރުގެ ބިމެވެ. މި ބިންތައް ދޫކުރަނީ 49 އަހަރާއި 50 އަހަރަށެވެ.

ފަޒުލް ވިދާޅުވީ މިކަމަށް ”އަޅުގަނޑުމެން ލޯ ލާރިއެއް ވެސް ނުލަން“ ކަމަށާއި، މަޝްރޫޢު ހިންގާތީ، ކޮންޓްރެކްޓަރަށް ލިބޭނީ ބިން ކަމަށެވެ.

އޭގެ ބަދަލުގައި އާބަންކޯއަށް 1093 ހެކްޓަރުގެ ބިން ލިބޭއިރު، މިގޮތަށް މީގެ ކުރިން ވެސް އެ ކުންފުނިން މަޝްރޫޢުތައް ހިންގައިފައިވާކަން ފަޒުލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު މި މަޝްރޫޢު އަކީ ލޭންޑް ވިއްކައިގެން އަގު އަދާ ކުރާ ގޮތަށް، ޕްރޮގްރެސިވް ޑިވެލޮޕްމަންޓްމަކާއި އެކީގައި ފައިސާ ދައްކާ އުސޫލުން، ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި، ކޯޕަރޭޓް ގެރެންޓީއަކާއިއެކު ފަށާ މަޝްރޫޢުއެއް ކަމަށެވެ.

”އަޅުގަނޑުމެންގެ ކޭޝްފްލޯއަކަށް، މީގެން ކުރާނެ އަސަރެއް، އިރާދަކުރެއްވިއްޔާ ނެތް. ކުރިއަށް އޮތްތާނގަ، އަޅުގަނޑުމެންގެ މި ޕްރޮޖެކްޓުގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝްފްލޯއަށް އިތުރު ތިޔާގި ކަމެއް، އިތުރު ލޯނު ނެގުމުގެ ފުރުޞަތުތަކެއް، ދިވެހިރާއްޖެއަށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝޯރެންސް އިތުރުވެގެން މި ދިޔައީ.“ ފަޒުލް ވިދާޅުވިއެވެ.

ހިއްކައިގެން ލިބޭ ބިން ތަރައްޤީކޮށްގެން ނުވަތަ އެ ބިން ވިއްކައިގެން އޭގެ އަގު އަދާ ކުރާ ގޮތަށް މަޝްރޫޢު ކުރިއަށްދާއިރު، ބިން ތަރައްޤީ ކުރެވޭނީ ތަނުގެ ޑިވެލޮޕްމަންޓް ޕްލޭނާއި އެއްގޮތަށް ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދާއި އެއްގޮތަށް، ފުރިހަމަ އީއައިއޭ ވެސް ހަދައިގެން ކަމަށެވެ.

އަށްމަސް ދުވަސްތެރޭގައި ފުށިދިއްގަރުފަޅު ހިއްކަން ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.