ސްރީލަންކާގެ ސީއެމްސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ ”ރަސްމާލެ“ މަޝްރޫޢު އަކީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށާއި، އެއްވެސް ކަމެއް ބަލަން ބޭނުންވާނަމަ، އެކަމަކަށް މަރުޙަބާ ކިޔާ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

ކ.ފުށިދިއްގަރުފަޅުގައި ތަރައްޤީ ކުރާ ”ރަސްމާލެ“ ސިޓީ ހިއްކުމުގެ މަސައްކަތް 08 މަސް ދުވަސްތެރޭގައި ނިންމައިލަން ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. ހުޅުމާލެއަށް ވުރެ، ތިން ގުނަ ބޮޑު އެތަނުގައި 65،000 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

މި ބިޔަ މަޝްރޫޢުއާއި ގުޅޭގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވީ، ޕްރޮޖެކްޓް ކުރިއަށް ދަނީ ޤާނޫނުތަކާއި ޤަވާއިދާއި އެއްގޮތަށް ކަމަށާއި، އަމިއްލަ ފަރާތަކުން މި މަޝްރޫޢުއާއި ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހެޅިއިރު، އެގޮތަށް ކަންކަން ބެލުމަށް އާބަންކޯ އިން މަރުޙަބާ ކިޔާ ކަމަށާއި، ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް މިކަމުގައި ކޮށްފައިނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި، ރަސްމާލެ ސިޓީގައި މީހުން އާބާދު ކުރުންކަން ފާހަގަކުރައްވައި، އެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރާނެ ކަމަށާއި، އާބަންކޯގެ ސްޕީޑު ދައްކައިދޭނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

”އެ އަމާޒަށް، ލަނޑުދަނޑިއަށް ވާސިލު ކުރެވޭތޯ، އެ ދުވަހު ވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން އާބަންކޯ އާއި އާބަންކޯގެ ހުރިހައި މުވައްޒަފުން މަސައްކަތް ކުރާނީ.“އޭނާ ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ސަރުކާރާއި އާބަންކޯ އިން ވެސް ޚަރަދެއް ނުކުރެއެވެ. މި މަޝްރޫޢު ހިންގަން ސީއެމްސީއާ ޙަަވާލު ކުރީ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި، ހިއްކާ ސަރަހައްދުން ދޭ 60 ހެކްޓަރުގެ ބިމެވެ.

 

މަޝްރޫޢު ޙަވާލު ކުރީ އެންމެ އެކަށީގެންވާ ފަރާތަށްތޯ ނުވަތަ އިންޓަރނޭޝަނަލް ބިޑިންއަށް ހުޅުވައިނުލީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ، މަސައްކަތް ޙަވާލު ކުރީ ލިބުނު ޕްރޮޕޯސަލްގެ ރަނގަޅަށް އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށާއި، މިވަގުތު އިޤްތިޞާދީ ޙާލަތު އޮތްގޮތުން، ޚަރަދު ކުރުމެއް ނެތި، ބިމެއް އުފައްދައިދޭނީ، ބައިނަލްއަޤްވާމީ ކޮން ކުންފުންޏަކުންތޯ ސުވާލު އުފައްދަން ރަނގަޅު ކަމުގައެވެ.

”އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އިންޓަރނޭޝަނަލް ބިޑިންއަށް ހުޅުވައިލިކަމުގައި ވިޔަސް، މިއަށްވުރެ ވަކި، ފުރިހަމަ ޕްރޮޕޯސަލްއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އެއީ، އަޅުގަނޑުމެން ވެސް ފައިސާއާއިނުލައި، އެޗްޑީސީގެ ކެޕޭސިޓީން މި ދޫކޮށްލަނީ ހަމައެކަނި ކޯޕަރޭޓް ގެރެންޓީއެއް.“

 

އާބަންކޯ އިން ދޫކުރާ 25 މިލިއަން ޑޮލަރުގެ ކޯޕަރޭޓް ގެރެންޓީ އަކީ ވެސް، ހަމައެކަނި ގެރެންޓީއެއްގެ ގޮތުގައި އޮންނާނެ އެއްޗެއްކަން ފަޒުލް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ބަލާއިރު، މިހާރު ލިބިފައިވާ ފުރުޞަތަކީ ރަނުގެ ފުރުޞަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައި ވަނީ، 1153 ހެކްޓަރުގެ ބިމެވެ.