ޤާނޫނާއި ޤަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ”ބްލޮކް“ ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި، ޝަހީބު މިހެން ވިދާޅުވެފައިވާއިރު، ކުރުސީ.ކޮމް އާއި ދިޔަވަރު ނޫހަށް މިހާރު ނުވަދެވެއެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވާ ލިޔުންތައް ޝާއިޢު ކުރަމުން އައި މި ދެ ނޫސް ރަޖިސްޓްރީއެއް ނުކުރެއެވެ.

”ގާނޫނާއި ޤަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ޔަޤީންކޮށްދޭނެ.“ ޝަހީބު އެކްސްގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވަވައި، ނޫސްވެރިންނަށް އެއްވެސް ކަމެއް ނުފޮރުވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ރައީސް ވަނީ، މަޤާމުގެ ހުވައި ކުރެއްވުމުގެ ކުރީން، ނޫސްވެރިންނާ ބައްދަލުކުރައްވަވައި، ނޫޫސްވެރިންގެ ޝަކުވާތައް އަޑުއައްސަވައިފައެވެ.