ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް ރައީީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ”ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް،“ ބްލޮކް ކުރުމުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ)އިން ކަންބޮޑުވުންފާޅު ކުރުމާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީބު ވަނި، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށް ވިދާޅުވެފައެވެ.

”ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން.“ އެ ޕޯސްޓުގައިވެއެވެ.

މި މައްސަލައިގައި ޝަހީބު މިއަދު ހެނދުނު ވިދާޅުވީ، ސަރުކާރުން، ޤާނޫނާއި ޤަވާއިދަށް ފައްތައި، ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ. އަދި ނޫޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާނެކަމުގެ ކަށަވަރުކަން ވެސް ދެއްވިއެވެ.

ކުރުސީ އާއި ދިޔަވަރަށް ނުވަދެވޭ މައްސަލައިގައިއެމްޖޭއޭ އިން ބުނީ އެ ދެ ސައިޓު ބްލޮކްކުރުމަކީ، ރައްޔިތުންނަށާއި ނޫސްވެރިންނަށް ސަރުކާރުން ދިން ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ. އަދި އެއީ މައުލޫމާތު ލިބުމުގެ ޙައްޤާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް، ސަރުކާރުން އެޅި ހުރަހެއް ކަމަށާއި އެއީ ޑިމޮކްރަސީއާ ބީރައްޓެހި ފިޔަވަޅުތަކެއް ކަމަށެވެ.

މި މައްސަލައިގައި އެޑިޓަރސް ގިލްޑާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުންފާޅުކުރިއެވެ.