ޚުޠުބާކިޔާ މީހާ ފެންނާނެ ގޮތަށް އިސްލާމީ މަރުކަޒުގެ ހުރިހައި ފަންގިފިލާއެއްގައި ޓީވީ ހަރުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ހުރިހައި ފަންގިފިލާތަކަށް އިމާމު ނުވަތަ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތައް 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތައް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޚުޠުބާ ކިޔާ މީހާ ފެންނަން ހުރުމަކީ މީހުންގެ ޝައުޤުވެރިކަން ބޮޑުވާނެ ކަމެއް ކަމަށާއި އެ އަޑު އަހަން އިތުރު ސަމާލުކަމެއް ވެސް ދޭނެ ކަމެއް ކަމަށެވެ.
އަދި ޚާއްޞަ އެހީ އަށް ބޭނުންވާ ކުދިންނަށް އިޝާރާތުގެ ބަހުން ޚުޠުބާ ކިޔައިދޭތަން ވެސް ޓީވީތަކުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގެ ހުރިހައި ފަންގިލާއެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާ ޓީވީތަކަކީ އަމިއްލަ ފަރާތަކުން ދިން އެހީއެކެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ، އެ ޓީވީތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
