ކ.ފުށިދިއްގަރުފަޅުގައި ތަރައްޤީ ކުރާ ”ރަސްމާލެ“ ސިޓީ މަޝްރޫޢުގެ ދަށުން، މިހާރު 10 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި، ރަސްމާލެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވައިވައި އިޤްބާާލް ދެއްކެވި ވާހަކައިގައި، ރައީސް މުޢިއްޒުގެ ސަރުކާރުގެ މި ބިޔަ މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ޞިއްޙަތާއި، ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ލިބެނީ މާލެއިން ކަމުގައި ވުމުން، ގިނަ ބަޔަކު މާލެއަށް ހިޖުރަ ކުރަން ބޭނުންވިޔަސް، އެކަން ނުވަނީ މާލެ ތޮއްޖެހިފައި ވުމުން ކަމަށާއި، ރަސްމާލެ މަޝްރޫޢުއަކީ މާލެ ސަރަހައްދުން ބޯހިޔާވަހިކަން ނުލިބޭ މައްސަލައިގެ ޙައްލު ކަމަށް އިޤްބާލް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”08 މަސް ދުވަހުގެ ތެރޭގައި، 1153 ހެކްޓަރުގެ ބިން ހިއްކަވާނެ، އެހެންވީމަ، އެ މަޝްރޫޢު ނިމިގެންދާއިރުގަ، މި ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ، 65،000 ގޯތިގެދޮރު، މި ދެންނެވީ ގޯޯއްޗާއި ފްލެޓާއި، އެޕާޓްމަންޓް ހިމެނޭގޮތުން 65،000 ބޯހިޔާވަހިކަން ލިބިގެންދާނެ.“ އިޤްބާލް ވިދާޅުވިއެވެ.

އިޤްބާލް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސައަށް ޙައްލު ގެންނައިރު، ރަސްމާލެ ސިޓީގައި އަސާސީ ޚިދުމަތްތައް ވެސް ޤާއިމު ވެގެންދާނެ ކަމަށެވެ.
އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރާ ރަސްމާލެ މަޝްރޫޢު ހިންގަނީ، ސޭފް އައިލެންޑް ކޮންސެޕްޓަށް، ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ސީއެމްސީއިންނެެވެ.
މި މަޝްރޫޢު ނިންމައި، އެ ތަނުގައި ފަަސް އަހަރުގެ ތެރޭގައި މީހުން އާބާދު ކުރުމަކީ އަމާޒެއް ކަމަށް އާބަންކޯ އިން ބުނެފައިވެއެވެ.
ފުށިދިއްގަރުފަޅު ހިއްކަން ފެށީ، މި މަހުގެ 18 ވަނަ ދުވަހުއެވެ.
