ދިވެހީންގެ ތެރެއިން ގިނަ ބެލެނިވެރިން، އެ މީހުންގެ ދަރީންނަށް ދައްކާ އެކައްޗަކީ މަޝްހޫރު ”ކޮކޯމެލަން“ގެ ލަވަތަކެވެ. ކޮކޯމެލަންއޭ ބުނުމުން، އެއީ ކޯޗެއްކަން ނޭނގޭ ކުޑަ ކުއްޖަކު ވެސް ދިވެހީންގެ ތެރެއިން ފެނުމަކީ ނާދިރު ކަމެކެވެ.

މިފަދަ މަޝްހޫރު ކާޓޫނުތަކުން މުސްލިމުންގެ ފިކުރާއި ނުގުޅޭ، އެތައް ކަމެއް ޕްރޮމޯޓް ކުރެއެވެ.

އެގޮތުން މިހާރު އެންމެ ބޮޑަށް ފަތުރަމުން އަންނަ އެކައްޗަކީ އެއްޖިންސުން ގުޅުން ހިންގުމެވެ. މިގޮތުން ކޮކޯމެލަން އިން ވެސް ވަނީ ދެ ބައްޕަ ދައްކުވައިދޭ ލަވައެއް ނެރެފައެވެ. އެ ލަވައިގައި ޕްރޮމޯޓް ކުރަނީ ދެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމުގެ ހުތުރު ޢަމަލެވެ. މި ލަވަ ދައްކަނީ ކޮކޯމެލަން ލޭންގެ އަށްވަނަ އެޕިސޯޑުގައެވެ.

މިފަދަ ލަވަތައް ދަރީންނަށް ދެއްކުމަކީ އެކުދީންގެ ވިސްނުން ހަރާބުކޮށްލާނެ ކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.

މި ލަވަ ނެރުމުން، މޫންބަގް އެންޓަޓެއިންމެންޓް ގެ މި އުފެއްދުން ބޮއިކޮޓް ކުރުމަށް ވެސް އެތައް ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.

ކޮކޯމެލަން ނޫނަސް، މުނިފޫހިފިލުވުމުގެ އެއްވެސް ކޮންޓެންޓެއް ދަރީންނަށް ދައްކަން ވާނީ، އެއީ ކޯޗެއްތޯ ބެލުމަށްފަހުގައެވެ. ކުޑަ ކުދިންގެ މެދުގައި މަޤުބޫލު، ޕެޕާޕިގްގައިވެސް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރެއެވެ.

އޭގައި ދައްކަ ވާހަކަތަކާއި، ފަތުރާ ޕްރޮޕެގެންޑާ، މައިންބަފައިންނަށް ވެސް އެނގެން ޖެހެއެވެ. މިކަމުގައި އެންމެ ބުއްދިވެރި އެއް ކަމަކަށްވާނީ، މޮނިޓަރ ނުކުރެވޭނެ ގޮތަކަށް ދަރީންނަށް އިންޓަރނެޓް އެކްސެސް ނުދިނުމެވެ.