ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ކ. އަތޮޅު ކައުންސިލަށް އޭނާ ފޮނުއްވާފައިވާ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ގޮންޖެހުންތަކެއް ހުރުމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.
އެ ސިޓީގައި، އޭނާ އިންތިހާބުކޮށްދިނުމަށް މަސައްކަތްކުރި މީހުންނާއި މަޤަަމުގައި ހުރި އިރު ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ތަރުހީބަށް ޝުކުރު ދަންނަވައިފައިވެއެވެ.
ކ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި ކ. އަތޮޅުގެ ނުވަ ރަށަށް ނިސްބަތްވާ ރަށު ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އޭނާ ވަނީ މަޤާމުގައި ހުންނަވައިގެން، އޭނާ ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކުރުމަށްޓަކައި މަސައްކަތުގައި ދެއްވި އެއްބާރުލުމަށްޓަކައި މާލެ އަތޮޅު ކައުންސިލްގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.
އެގޮގުން އޭނާ ވިދާޅުވީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަކީ އަބަދުވެސް އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ މުވައްޒަފުންތަކެއް ޤަބޫލުކުރައްވާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ”ދިވެހީންގެ ރާއްޖެ“ގެ ތަޞައްވުރުގައި މުޅި މާލެ އަތޮޅަށް ތަރައްޤީ އާއި ކުރިއެރުން އަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ނިމާލު ވިދާޅުވިއެވެ.
ނިމާލު ކ.އަތޮޅު ކައުންސިލުގެ ރައީީސްގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، އޭނާ އަކީ އެމްޑީޕީގެ ސަރުކާރު ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
