ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި މަސް ދޯނިފަހަރަށް އަމާޒުކޮށް ޑައިވިންގ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، މި އަހަރު ފާހަގަކުރި މަސްވެރީންގެ ދުވަހުގައި އިޢުލާނު ކުރައްވައިފައެވެ.
އަގުއެއްކޮށް މަހުގެ އުފެއްދުންތައް އުފައްދާ ކޫއްޱޫގެ ފެސިލިޓީ ވަޒީރު އަހްމަދު ޝިޔާމު ބައްލަވައިލައްވައިފި. ރާއްޖެއި ބާނާ މަހަށް އަގުއެއްކޮށް ތަފާތު ގިނަ ބާވަތުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަކީ މަހުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަން މުހިންމުކަމެއް. pic.twitter.com/pFo3ubV6Ov
— Ministry of Fisheries and Ocean Resources (@MFORmv) December 23, 2023
ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުޢިޢްޒު ވިދާޅުވީ މަސްވެރިން މޫދަށް ފީނާއިރު ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގާ ކަމަށެވެ.
މި ގޮތަށް ފީނުމުގެ ތެރޭގައި، ހާއްސަކޮށް އެންވެރި ކަމަށް ޑައިވް ކުރުމުގައި ހިތާމަވެރި އެކްސިޑެންޓްތައް ހިނގާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވާ ހާލަތު ވެސް ދިމާވެފައިވާ ކަމަށާއި އެހެންވެ މި ކަހަލަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް، ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން އުޅަނދުފަހަރުގައި ތިބުން މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
”އެހެން ކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު ”ރެސްކިއު ޑައިވާ“ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެވޭނެ. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ މި ފަދަ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން،“ ރައީސް ވިދާޅުވިއެވެ.
