ރަޙްމަތްތެރިންނާއިއެކު އިހި ނަގަން، މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ސ.މަރަދޫ، ކުރެދުމާގެ، މުޙައްމަދު ނައީޝް ހޯދަން ކުރާ މަސައްކަތަށް އިދިކޮޅު އެމްޑީޕީން ފާޑު ކިޔައިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތް ބަލައިގަންނަކަން ފާހަގަކޮށް، މި ހާދިސާ ސިޔާސީ ނުކުރުމަށް އާއިލާ އިން އެދިއްޖެއެވެ.
އުމުރުން 18 އަހަރުގެ ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ. އޭނާ އަދިވެސް ފެނިފައިނުވާއިރު، ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިހުމާލުވަމުންދާތީ އެ ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ، ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ހުރިހައި ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އެ ޕާޓީން ދެކޭ ގޮތުގައި އިންތިހާއަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.
އަދި އެކުވެރި ޤައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ އެ ޕާޓީގެ ފަރާތުން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އެ ޕާޓީން މިހެން ބުނީ ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި، އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށް، އެ ޤައުމުގެ ސިފައިން ދުއްވާ ޑޯނިއާ ބޭނުން ބޭނުން ނުކުރާތީއެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރުނުއިރު، ނައީޝްގެ އާއިލާގެ މެމްބަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯޯސްޓެއްގައި ބުނީ، މިއީ މުޅި އާއިލާއަށް ވެސް ވަރަށް ހިތާމަވެރި ވަގުތެއް ކަމަށާއި، ނައީޝް ގެއްލުނު ހާދިސާ ސިޔާސީ ނުކުރަން އެދޭ ކަމަށެވެ.
”ނައީޝް ހޯދުމަށް އެމްއެންޑީއެފް، އަދި މިކަމުގަ ގުޅުންހުރި ސަރުކާރުގެ ހުރިހައި އިދާރާތަކަކުން ދަނީ، ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަދި މި ވަގުތު އާއިލާގެ ފަރާތުން ކުރާ ރިކުއެސްޓް ދަނީ ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން.“ އެ ޕޯސްޓުގައިވެއެވެ.
ނައީޝްގެ ރެސްކިޔު އޮޕަރޭޝަންގެ މަޢުލޫމާތުތައް އާއިލާއާއި ހިއްސާ ކުރަމުންދާތީ، އެކަން ބަލައިގަންނަ ކަމަށް ވެސް ފޭސްބުކްގައި ކޮށްފައިވާ އެ ޕޯސްޓުގައިވެއެވެ.

ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ.
އާއިލާއިން ތިބީ ނައީޝް ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެ އާއިލާއިން، އާއްމުންގެ ފަރާތުން އެދެނީ އެކަމަށް ދުޢާ ކޮށްދިނުމެވެ.
