ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ދަފްތަރު. ނަންބަރު ރސ 5852 އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި އަދި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ޢަލީ ޝުޖާޢު ހޭދަކުރައްވާފައި ވެއެވެ.
ޢަލީ ޝުޖާޢު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ.
އަދި ޢަލީ ޝުޖާޢު އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.
