ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ރާއްޖޭގެ މީޑިއާތަކަށް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ޙައްލު ކުރުމަށްޓަކައި، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ އެކަމަށްޓަކައި ވާާން ޖެހޭ ތައްޔަރީތައް ކަމާ ގުޅޭ ވުޒާރާތަކުން ކުރިއަށް ގެންދަވަން ކެބިނެޓުން ނިންމަވައިފައިވާ ކަމަށެވެ.

”އަދިހަމަ އެއާއިއެކުގައި، ތަފްޞީލުކޮށް ދައުލަތުގެ ބަޖެޓުން، ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް، ކަމާބެހޭ މިނިސްޓްރީންތަކުން ކުރިއަށް ގެންދިޔުމަށް އިއްޔެ ވަނީ ނިންމަވައިފަ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މީޑިއާތަކާއި ގުޅޭގޮތުން އިއްޔެ ކެބިނެޓުގައި ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ މީޑިއާ ވިލެޖެއް ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިންމެވި ނިންމެވުން ކަމަށެވެ.