ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަންކޮށްފިއެވެ.
ޒުލްފާ އެ މަޤާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.
އޭނާ އަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލްއެލްއެމް) ހާސިލްކުރެއްވުމުގެ އިތުރުން ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވައިފައެވެ.
މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒުލްފާ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭގެ ސީއީއޯގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ އަފްޝަން ލަތީފެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އަފްޝަން އެލްޖީއޭގެ ސީއޯއަކަށް އައްޔަންކުރީ ޖޫން 9، 2020 ގައެވެ.
