ޑައިމޯފިން ޓްރެފިކް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމައްސަލަ އަކީ ތ. ވިލުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއްކަމަށާއި، މިމައްސަލާގައި ހޯދަން ބޭނުންވެ ހާޒިރު ކުރެވިފައިނުވަނީ ލ.ގަން – ތުނޑި / ރޯސް، މުޙައްމަދު މާޖިދު (29އ) ކަމަށެވެ.

ފުލުހުން ބުނީ މާޖިދު، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދޭން ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މާޖިދު ކޯޓަށް ހާޒިރު ކޮށްދޭން އަންގާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

މި އަމުރާ ގުޅިގެން ފުލުހުން ވަނީ މާޖިދު ހޯދަމުން އަންނަކަން ހާމަކޮށް ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ. އަދި މާޖިދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.