ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ލ. ގަމުގައި އިމާރާތް ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާތީ، އެ ދާއިރާގެ ރައްްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ވިސާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Asuru

ވިސާމްގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފައި ވަނީ، އެކްސްގައި އާއްމު ކުރައްވައިފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި އޭނާ ވިދާޅުވި ގޮތުގައި ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަށް ނިންމި ނިންމުމަކީ، ބާރުތައް މާލޭގެ ސަރަހައްދަށް ޖަމާކުރުމެވެ.

އަދި ސަރުކާރުން އަތޮޅުތެރޭގެ ތަރައްގީއަށް ގަސްތުގައި ހުރަސްއެޅުންކަމަށް ވިދާޅުވިއެވެ.

އެ ބަޔާ ވިދާޅުވީ، ގަމުގައި އަޅަން މިދިޔަ ސަރުކާރުގައި ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަކީ އަތޮޅުތެރޭގެ ތަރައްޤީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ސަމާލުކަމެއް ނުދެއްވާކަމުގެ ހެއްކެއް ކަމަށާއި، އެ މަޝްރޫޢުގެ ހުރިހައި މަސައްކަތެއް ހަމަޖެހިފައި ވަނިކޮށް، މި ސަރުކާރުން އެ މަޝްރޫޢު މާލެއަށް ބަަލު ކުރުމުގެ ސަބަބުން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމު ކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު އެ ގައުމުގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާކަމަށެވެ.

ވިސާމް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުގައި ވެސް ސިޔާސީ އެކި ފަރާތްތަކާއި ސިއްހީ ދާއިރާގެ އިސްވެރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުމަށް ނުފޫޒު ފޯރުވައި ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަށް މަސައްކަތް ކުރިކަމަށެވެ.

”ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ސަރުކާރުން ފަށާފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހުއްޓައި ރޭވިފައިވާ ގޮތަށް ކުރިއަށްގެންދާނެ ގޮތުގެ ވައުދާއެކު ކަމަށްވީއިރު މިއީ ގަމުގެ ތަރައްގީއަށް އަދި އަތޮޅުގެ ކުރިއެރުމާ ނުހަނު ގުޅިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓު،“ އެ ބަޔާނުގައި ވިސާމް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން ލ. ގަމުގައި އެޅުމަށް ނިންމި ކެންސަރު ހޮސްޕިޓަލުގެ އެއްވެސް ޢަމަލީ މަސައްކަތެއް، ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ވެސް ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އެ މަޝްރޫޢުއަކީ އިންޑިއާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖައްސައިދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.