ކ.ފުށިދިއްގަރު ފަޅު ހިއްކަން ވެލި ނަގާ ސަރަހައްދުތައް ކަމަށް ބުނެ އިދިކޮޅު ފަރާާތްތަކުން ފަތުރާ ވާހަކަތައް ދޮގު ކުރައްވައި، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަން ކުރާ މަސައްކަތް ކުށްވެރި ކުރައްވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސް މާލެ ހިއްކަނީ ގުޅީފަޅު، ގިރާވަރުފަޅު، ތިލަފުށި، އަދި ހުޅުމާލޭގެ ހިއްކާ ސަރަހައްދަކުން ވެލި ނަގައިގެން ނޫން ކަމަށެވެ.

ފަޒުލް ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތް ކުއްވެރި ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ފަޒުލް މިހެން ވިދާޅުވީއިރު، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރުޢޫ ހިއްކަން ވެލި އަޅަނީ ގުޅީފަޅު ހިއްކުމަށް ނަގާ ވެލިން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ ޖުމްލަ ޙައްލުގެ ގޮތުގައި، މިސަރުކާރުން ފެށި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢުއާއިމެދު ތަފާތު ތުހުމަތުތައް އިދިކޮޅުން ކުރަމުން އަންނައިރު، އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. މުއްޠަލިބުވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، ރަސްމާލެ ހިއްކަން ވެލި ނަގަނީ، މާލެ އަތޮޅުގެ ދެކުނުގެ ސަރަހައްދުން ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫޢުއަށް ވެލި ނަގާ ސަރަހައްދުގެ އީއައިއޭ ރިޕޯޓު  މިނިސްޓަރު ވަނީ ހިއްސާކުރައްވައިފައެވެ. އަދި ގުޅީފަޅު ހިއްކަން ވެލި ނަގަނީ މާލެ އަތޮޅު އުތުރުންކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

ރަސްމާލެ ތަރައްޤީ ކުރުމަށް 1153 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، އެ ސިޓީ ތަރައްޤީ ކުރަނީ މޯލްޑިވްސް އެކޯ ސިޓީގެ ގޮތުގައެވެ. އެ ތަނުގައި 65،000 ގޯތި ނުވަތަ ފްލެޓް އަޅަން ވަނީ ނިންމައިފައެވެ.

މި މަޝްރޫޢު ހިންގަނީ ސަރުކާރާއި އާބަންކޯ އިން ވެސް އެއްވެސް ފައިސާގެ ޚަރަދެއް ނުކޮށެވެ.