އެމްޑީޕީ ދޫކޮށް، ސަރުކާރު ހިންގާ މައި ޕާޓީއާއި ގުޅިވަޑައިގެންނެވި މެމްބަރުން އިޙްތިޔާރު ކުރެއްވީ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by Asuru

މިރޭ ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުންނަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމްއާއި، އިސްދޫ ދާއިރާގެ މެމްބަރު ޢަލީ ހަމީދާއި، ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް އާއި، ކުރެންދޫ ދާއިރާގެ މެމްބަރު ޙަކީމާއި، މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރާއި، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި، ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުހުސިން ހަމީދު (ޖޭފޯ)އާއި، ފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް ޢަލީ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒްއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ރައީސް މުޢިއްޒު، އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ދިވެހި ޤައުމު ކޮންމެ މީހަކަށްވުރެ ބޮޑު ކަމަށެވެ.

”އަޅުގަނޑުމެން އަބަދުވެސް ބުނަންވާނީ، ޤައުމަށްޓަކައި ތިމަންނާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ؟ ތި ބޭފުޅުން ތިޔަ ޚިޔާރު ކުރެއްވީ އެ މަގު. ފަށްފަށުން ޝުކުރު ދަންނަވަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ، އެމްޑީޕީން ވަކިވެ، ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުންގެ ހިތްވަރުން ހިތްވަރު ލިބިގަނެ، އިތުރު މެމްބަރުން ވެސް ޕީއެންސީގެ ޤައުމީ ސަފާއި ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕީޖީގައި ޤައުމީ ވިސްނުމުގެ މެމްބަރުން އެބަ ތިއްބެވި ކަމަށާއި، އެ ބޭފުޅުންގެ ”އިނގިލި ބުރިކޮށްލިޔަސް“ އެ މަނިކުފާނާއި ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ.