ރާއްޖޭގައި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖައްސައިފިއެވެ.

Ads by Asuru

މިކަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގު ޗާޓުގައިވާ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ސިޔާތުގެ ދަށުންނެވެ.

މި ޚިދުމަތް ދޭން ފަށާ، މިއަދު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވައިލައިފައެވެ.

 މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މި ޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުން ކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ.

ހީނާ ވިދާޅުވީ މި ޚިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއިން ހުރިހައި ދިމާލަކުން މައުލޫމާތުތައް އެއްކުރާނެ ކަމަށެވެ.

އޭގެ އަލީގައި ޞިއްޙީ ޚިމަތްތައް ފޯރުކޮށްދިނުމަށާއި އެ ޚިދުމަތަށް ކުރެވޭ ޚަރަދުތަކާއި ސަރުކާރު ބައެއް ކަހަލަ ސިޔާސަތުތައް ހަރުދަނާކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކާއި، ޚިދުމަތްތަކެއް ޤާއިމް ކުރުމަށް މި މަޢުލޫމާތުގެ އަލީގައި މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.