މެނިފެސްޓޯގައި ޒަކާތުގެ ވާހަކަ ލިޔުއްވައި، އެކަން ޙަޤީގަތަކަށް ހެއްދެވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒަކާތް ނެރުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމަކީ ރައީީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އެ ވަޢުދު ފުއްދަވައި، މިއަދު ރަސްމީކޮށް ޒަކާތު ހައުސް އިފްތިތާޙު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، މިއަދަކީ އިސްލާމްދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ”ޒަކާތް ދިނުން“ ނެގެހެއްޓުމުގައި ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެން ދިޔަ ދުވަހެއް ކަމަށެވެ.
ޒަކާތް ދިނުން މަތިވެރިކޮށް، އޭގެ ޙައްޤުވެރިންނަށް އެންމެ އެދެވޭ ގޮތުގައި ޒަކާތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި، އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ރައީސް މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވައިފައެވެ.
”ޒަކާތަކީ އިސްލާމްދީނުގައި، ނުހަނު މަތިވެރި މަޤާމެއް، އެއަށް ދެއްވައިފައިވާ މަތިވެރި ރުކުނެއް. ކީރިތި ޤުރުއާނުގައި، އެތައް މަޤާމެއްގައި ޒަކާތުގެ ވާހަކަ ބަޔާާން ކުރައްވައިފައިވޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
ޒަކާތުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ޒަކާތް ނެރުމުގެ ކަންކަން މަތިވެރި ކުރާ ބަޔަކަށް ނަޞްރު ލިބޭނެ ކަމަށާއި، އެފަދަ ވެރީންނާއި މުޖްތަމަޢުއެއް މާާތް ރަސްކަލާނގެ މަތިވެރި ކުރައްވަވާނެ ކަމަށެވެ.
މިއަދު އިފްތިތާޙު ކުރެއްވި ޒަކާތު ހައުސްގެ މަޤްޞަދަކީ ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަ ކުރާ ދާއިރާތަކުގައި އިންވެސްޓުކޮށް، ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ، ބެހެނިވެރީންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.