އަވަށްޓެރިންވެސް މި ސަރުކާރަށް ޖޯކު ޖަހަން ފަށާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސްރީލަންކާގެ ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވެފައިވާ، އެގައުމުގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ދިވެހި ސަރުކާރުން ހިމާޔަތްދީ، އޭނާ ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ހިމާޔަތް ދީގެން ގެންގުޅޭ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ތިބި ލަންކާގެ ރައްޔިތުން ވެރިރަށް މާލޭގައި އިއްޔެ މުޒާހަރާވެސް ކޮށްފައިވެއެވެ. ލަންކާގެ ރައްޔިތުންނާއެކުގައި ތިބިކަން ހާމަ ކުރުމުގެ ގޮތުން ބައެއް ދިވެހިންވެސް މި އެއްވުމުގައި ބައިވެރިވެ، ގޮތަބަޔާއަށް ހިމާޔަތް ނުދިނުމަށް ގޮވާލިއެވެ.

ހުޅުމާލޭގެ ކައުންސިލަރު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަަވަށްޓެރިންވެސް މި ސަރުކާރަށް ޖޯކު ޖަހަން ފަށާފައިވާ ކަމަށެވެ. އޭނާ ވަނީ މިއީ ގައުމެއްތޯވެސް ސުވާލު ކުރައްވައިފައެވެ.

ގޮތަބަޔާ އެމަނިކުފާނުގެ ގައުމު ދޫކުރައްވާ ރާއްޖެއަށް ވަޑައިގަތުމުން ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްއެންޕީން ވަނީ ނިންމާފައެވެ.