ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާ ދިނުމަށް އެކުލަވާލަން ނިންމާފައިވާ ޔޫތު އެޑްވައިޒާސް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by Asuru

އެގޮތުން އެ ބޯޑުގައި ހިމެނޭ 2 ދާއިރާއަކުން އަންހެނަކާއި ފިރިހެނަކަށް ފުރުސަތު ލިބޭ ގޮތަށް ހަތަރު ޖާގައަކަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި އިއްޔެ ވަނީ ހުޅުވާލާފައެވެ.

ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މެންބަރުން ބޭނުންވާ ދާއިރާ:

ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން: އަންހެން 1 އަދި ފިރިހެން 1

ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ: އަންހެން 1 އަދި ފިރިހެން 1

ޒުވާނުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ.

މީގެ އިތުރުން އެ މީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ތަޖުރިބާ ލިބިފައިވުމާއި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

ޒުވާނުންގެ ބޯޑަށް ކުރިމަތިލުމަށް އެ މިނިސްޓްރީން އެދިފައިވާ ގޫގުލް ފޯމް ފުރުމަށް ފަހު އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން އެ ފޯމު ހުށަހަޅަން ވާނެ ކަމަށް ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މި އިޢުލާނާއި ގުޅޭ އިތުރު މައުލޫމާތު 3347400 އަށް ގުޅުމުން ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.