އެތެރޭގެ އުދުހުންތަކުގެ އަގުތައް މިހާރު ބޮޑު ކަމަށާއި އެ އަގުތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ އައިލެންޑް އޭވިއޭޝަނަކީ 2018 ވަނަ އަހަރާއި ހަމަޔަށް ސާފު ފައިދާ ހޯދަމުން އައި ކުންފުންޏެއް ކަމަށާއި ނަމަވެސް 2018 އާއި 2023 އާއި ހަމަޔަށް ވިޔަފާރި އޮތީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައި ކަމަށެވެ.
އައިލެންޑް އޭވިއޭޝަނަކީ ވިޔަފާރި އުސޫލުން ހިންގަން ޖެހޭ ކުންފުންޏެއް ކަމަށްވާއިރު އެ ކުންފުނީގައި ޚިދުމަތް މަދުވެފައި މުވައްޒަފުން ގިނަކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ މިދިޔަ ހަފްތާގައި އައިލެންޑް އޭވިއޭޝަންގެ މެނޭމެންޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އައިލެންޑް އޭވިއޭޝަން ރިސްޓްރަކްޗަރކޮށް، އޮޕަރޭޝަންތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެތެރޭގައި ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުން ހިމެނޭ ކަމަށް އަމީން ވިދާޅުވިއެވެ.
އެއާއެކު އިންޓަނޭޝަނަލް އޮޕަރޭޝަންސްތައް އިތުރުވުމުން އައިލެންޑް އޭވިއޭޝަނަށް ކުރާ ފައިދާގެ އިތުރުން ޤައުމުގެ އިގްތިސާދަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވަނީ މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލުތައް ގެނެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ މިހާރު ހުރި ފެއާއަކީ ބޮޑު އަދަދެއްކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ކުންފުންޏާއި މަޝްވަރާކޮށްގެން ގެނެވެން ހުރި ބަދަލުތައް އަވަހަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.