ހުޅުމާލޭގެ ރަށްވެހިކަމުގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްފިއެވެ.

Ads by Asuru

ހުޅުމާލޭގެ ރަށްވެހިކަމުގެ މަސައްކަތް މާލެސިޓި ކައުންސިލަށް ބަދަލުކުރުމަށް މިއަދު މާލީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވުޒާރާގައި ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤެވެ.

މި ކަމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ މޭޔަރ އަދި ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝެވެ.

މާލީ ވުޒާރާއިން އިން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހި ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ރަށްވެހިކަމުގެ ހިދުމަތްތަކުގެ ތެރެއިން އާބަންކޯގެ ފަރާތުން ދެމުންގެންދާ ޚިދުމަތްތައް އެއް މަސް ދުވަސްތެރޭގައި ހުއްޓާލާނެ ކަމަށެވެ.

އޭގެފަހުން އެ ޚިދުމަތްތައް ހުޅުމާލޭގައި ފޯރުކޮށްދެމުން ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، އާބަންކޯގައި ރަށްވެހިކަމުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ މުވައްޒަފުންނާއ،ި ރަށްވެހިކަމުގެ ހިދުމަތްތަކާ ގުޅޭގޮތުން ތަރައްގީކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި، އެކަމާ ގުޅޭ ވެހިކަލްތަކާއި، ޓޫލްސް އަދި އެކުއިޕްމަންޓްސް މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރުމަށް އެއްބަސްވެފައި ވެެެއެވެ.

އަދި، މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާނެ ވޯކް ސައިޓް އަދި އޮފީސް ސްޕޭސް މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް އެ ކައުންސިލުން އަގެއް ނެގުމަކާ ނުލައި ޝެއާޑް ބޭސިސްއެއްގައި އާބަންކޯ އާއި މާލޭ ސިޓީ ކައުންސިލުން ބޭނުންކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.