ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކުގެ މަހު ކުލި ކުޑަ ކޮށްދިނުމަށް ސަރުކާރުން ނިންމަވައިއެވެ.

Ads by Asuru

މިކަން ހާމަ ކުރައްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެމަނިކުފާނު މިކަން މިއަދު އިޢުލާން ކުރެއްވީ، ޕީއެންސީގެ ޓިކެޓް މާލޭގެ މޭޔަރު ކަމަށް މާލޭ ވާދަކުރައްވާ ޢައިޝަތު ޢާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގައެވެ.

ރައީީސް ވިދާޅުވީ، އަންނަ މަހުން ފެށިގެން ފުރަތަމަ ފިޔަވަހީގެ މަހު ކުލީގެ 20 ޕަސެންޓް ކުޑަކޮށް ދޭން ނިންމާފައިވާ ކަމަށެވެ.

”ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް އަދި ސަރުކާރަކުން ލުޔެއް ނުދޭ. ގާތްގަނޑަކަށް 4000ރ. އިން ގޮސް 7000ރ. އާ ހަމައަށް ނޫނީ 6000ރ. އަދި މެއިންޓަނެންސް ފީ މި ދައްކަނީ ފޭސް އެކެއްގެ ފްލެޓްތަކަށް،“ ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު މިއަދު މިތަނުގައި އިއުލާން ކޮށްލަން ބޭނުން، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހައި ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެން ދާނެ.“

ރައީސް ވިދާޅުވީ ރައްޔިތުންނަށް ގެނެސްދެއްވި އެ ލުޔަކީ ގެދޮރުވެރިކަން އަތްފޯރާ ފަށަށް ގެންނަން ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމުމެއް ކަމަށާއި، އިޤްތިޞާދީ ޙާލަތު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް އޮތީ ހީނަރުވެފައި ކަމަށެވެ.

އަދި އާމްދަނީ ވަރަށް ކުޑަކަން ފާހަގަކުރައްވައި ރައީސް އެމަނިކުފާނު ވިދާޅުވީ ދައްކަން ޖެހޭ އެއްޗެއް ދެއްކެނީ ވަރަށް ޙާލުގައި ކަމަށެވެ.