މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ބޭއަދަބީކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާގެ އިސް ވެރިންނާއި ދެކޮޅަށް ބައެއް ފަރާތްތަކުން ފާޅު ކުރި ޚިޔާލުތަކަކީ ޚިޔާލުފާޅުކުރާ ފަރާތްތަކުގެ އަމިއްލަ ޚިޔާލުތަކެއް ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު އެ ޤައުމުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެކްސްގައިކުރެއްވި ޕޯސްޓަކަށްފަހު، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފެށުމާއި ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން، ރާއްޖެއާއި ދެކޮޅަށް ހިންގަމުންދާ އެންޓި ކެމްޕޭނަށް ރައްދު ދޭން ފެއްޓެވިއެވެ.

Ads by Asuru

މިކަން ހޫނުވުމުން، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިންޑިއާގެ ވެރީންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ފާޅުކުރި ޚިޔާލުތަކަކީ، ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ޚިޔާލުތަކެއް ނޫން ކަމަށެވެ.

އަދި މި ބަޔާނުގައި ވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތު ނުފެތުރުމާއި، ރާއްޖެއާއި ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަމަށެވެ.

އަދި އެފަދަ އިހާނެތި ބަސްތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.