އަވަށްޓެރި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނަށް ފާޑު ވިދާޅުވި ދިވެހި ސަރުކާރުގެ އިސް ތިން ބޭފުޅަކު ސަސްޕެންޑް ކޮށްފިއެވެ.

Ads by Asuru

މިއަދު ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އަވައްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ސްޓޭންޑަކީ މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އިން މިއަދު ނެރުއްވި ބަޔާނުގައިވާ ސްޑޭންޓް ކަމަށެވެ.

އަދި ސަރުކާރުގެ މަޤާމުގައި ތިބެ މީސްމީޑިއާގައި މިފަދަ ޕޯސްޓްތައްކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހާމަކޮށްފައި އެވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ.

އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ޚިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ، ދޭދޭ ޤައުމުތަކާ އެކު އޮންނަ ގާތް ގުޅުމަށް ބުރޫނާރާ ފަދަ ގޮތަކަށް، ނަފުރަތާއި ރުޅިވެރިކަން ވެސް ނުފެތުރޭ ފަަދަ ހަމަތަކުގެ ތެރޭގައި ކަމަށާއި، އެ  އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.