އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަަށް މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުން ހާމަކުރައްވަމުން، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި ނިންމުމުގައިވާ ގޮތުން އަންނަ އަހަރުން ފެށިގެން ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރާނެ ކަމެވެ.

އަދި 2026 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އޭގެ މާނައަކީ، ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެން ދިޔުމެވެ.

މި ބަދަލު ގެންނާނީ ކުދީންގެ ކިޔެވުމަށް ދަތި ނުވާނެ ގޮތެއްގެ މަތީން ކަމަށާއި އެ ބަދަލުތައް އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ތަފްސީލުކޮށް ހާމަ ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.