އިންޑިއާގެ މިނިސްޓަރ އޮފް އާތު ސައިންސް، ލަކްޝަދީބު ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ ފޮޓޯތަކެއް ބޭނުން ކުރައްވައިފިއެވެ.

Ads by Asuru

އިންޑިއާގެ ލަކްޝަދީބުގައި ފަތުރުވެރިކަން ކުރިއަރުވަން ފެށުމަށް އެ ޤައުމުގެ ސަރުކާރުން އަނެއްކާ ވެސް މަސައްކަތް ފަށައިފައިވާއިރު، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަރަށް ފަހުން ވަނީ ލަކްޝަދީބަށް ވަޑައިގެން ފޮޓޯއާއި ވީޑިއޯ ނަންގަވައި، މީސްމީޑިއާގައި އެތަން އިޝްތިހާރު ކުރައްވައިފައެވެ.

މިކަން އިންޑިއާގެ ބައެއް މީޑިއާތަކުންނާއި، ސިޔާސީ ފަރާތްތަކުން ސިފަ ކުރީ، މޯދީ ރާއްޖެއަށް ދެއްވި މެސެޖެއްގެ ގޮތުގައެވެ. މޯދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ރާއްޖޭގެ ތިން ނައިބު ވަޒީރަކު، ފާޑު ވިދާޅުވެ، ޕޯސްޓުތަކެއް ކުރެއްވި މައްސަލަ ހޫނުވެ، އެ ތިން ވަޒީރުން ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

މީސްމީޑިއާގައި އިންޑިއާގެ ސިޔާސީ ފަރާތްތަކުންނާއި، ފިލްމީ ތަރިންނާއި އާއްމުން ލަކްޝަދީބު ޕްރޮމޯޓު ކުރަމުން އަންނަ މި ދަނޑިވަޅުގައި އެ ޤައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަކްޝަދީބު ކަމަށް ވިދާޅުވެ، ރާއްޖޭގެ ދެ ފޮޓޯއެއް ވަނީ ހިއްސާ ކުރައްވައިފައެވެ.

އޭނާ ހިއްސާ ކުރެއްވި ފޮޓޯތަކުން ފެންނަނީ ރާއްޖެކަން، އިންޑިއާގެ ރައްޔިތުން އެ ޕޯސްޓަށް ކުރި ކޮމެންޓުތަކުގައި ވެސް ކިޔާދީފައިވެއެވެ.

އެގޮތުން އެއް ފޮޓޯގެ ގޮތުގައި ބޭނުންކޮށްފައިވާ ރަށެއް ކައިރިން ކެނޯ ދުއްވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަކީ 2015 އިން ފެށިގެން، ރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރާ ފޮޓޯއެކެވެ.

އިތުރަށް ހިއްސާ ކުރި ސްނޯކްލިން ފޮޓޯ އަކީ 2012 ވަނަ އަހަރު ރާއްޖޭގެ ރިސޯޓެއް ކައިރީ މީހަކު ސްނޯކަލް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

އިންޑީއާއިން އެ ޤައުމުގެ ޔޫނިއަން ޓެރެޓަރީތަކުގެ ތެރޭގައި ހިމެނޭ ލަކްޝަދީބުގެ ރަށްތައް ޕްރޮމޯޓު ކުރަން ފަށާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން ގިނަ މަސައްކަތްތަކެއް ފެށުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އިން ވެސް ދަނީ ތައްޔާރުވަމުންނެވެ.