ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަށްކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންޑިއަން ހައިކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ އެމްބެސެޑާ އެޓް ލާޖް ޑރ. ޢަލީ ނަސީރު މުޙައްމަދާއެކު ކުރިންވެސް ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ވެރިންނަށް ފާޑު ވިދާޅުވި މައްސަލައިގައި އެ ޤައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހީމް ޝަހީބް އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވަނީ ހާޒިރުކޮށްފައެވެ.

މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހުންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ޗައިނާ ގައެވެ.

އިންޑިއާއަށް ފާޑު ކިޔާފައިވާ މައްސަލައިގައި ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަބްދުﷲ މަހްޒޫމް މާޖިދެވެ.