މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފައިސާގެ މައްސަލައެއް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައި ނުވާ ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.

Ads by Asuru

ސިވިލް ކޯޓުން މިކަން ހާމަ ކުރީ، ރާއްޖޭގެ އޮންލައިން ނޫހެއްގައި ”އާޒިމާ ފްލެޓް ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދަޢުވާއެއް“ މިސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ސިވިލް ކޯޓުގެ ބަޔާނުގައިވަނީ ޕްލެޓިނަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލައާއި ގުޅިގެން 9 ޖެނުއަރީ 2024ވަނަ ދުވަހަށް މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުމަށް ތާވަލުކުރެވިފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާފައިވީނަމަވެސް މިފަދަ މައްސަލައެއް ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިނުވާކަމަށެވެ. އަދި މިމައްސަލައިގެ ލިޔެކިއުންތަކެއް ކަމަށް ބުނެ އޮންލައިން ނޫހުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކަކީ ޞައްހަ ލިޔެކިއުންތަކެއް ނޫން ކަމަށެވެ.

ސިވިލް ކޯޓުގެ ބަޔާނުގައިވަނީ ރައްޔިތުންގެ ކުރިމަތީގައި ކޯޓާމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އަދި ކޯޓުގެ ލިޔުންތައް ކަމަށް ބުނެ ޞައްހަ ނޫން ލިއުންތަކެއް ތައްޔާރުކޮށް ކޯޓުގެ އަގު ވެއްޓޭގޮތަށް ކުރާ މިފަދަ ނޭދެވޭ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އަދި މިފަދަ އަމަލުތަކަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއް ކަމުގައި ބަލައި އެފަރާތްތަކާމެދު ޤާނޫނީ އިމުގެތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ކޯޓުގެ ބަޔާނުގައިވަނީ ބުނެފައެވެ.