20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗު 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

Ads by Asuru

އެ ދުވަހަކީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ.

މިކަން ހާމަކޮށް އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން ނިންމީ، ރޯދައިގެ ފަހުގެ ތާރީހެއްގައި އެކަން ކުރަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރެގެން ކަމަށެވެ.

އޭގެތެރޭގައި ކުޑަ އީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްވަރެވެ.

އެހެންވުމާއި އެކު ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ނަމަ ސްކޫލްތައް ނުލިބި ވޯޓުލާ މަރުކަޒުތައް ގާއިމްކުރަން އެކަށީގެންވާ ތަންތަން ނުލިބިދާނެއެވެ.

އަދި މީގެ އިތުރުން އީސީން ބުނީ ރޯދައިގެ ފަހު 10 އެއް ބަންދުކުރަން ސަރުކާރުން ހަމަޖައްސާފައިވާތީ އިންތިޚާބު ލަސްވެއްޖެ ނަމަ ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުމާ އެކު ކުރަން ޖެހޭ މަސައްކަތްތަކުގައި ވެސް ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އިންތިޚާބު ބާއްވަން ނިންމީ އެ ސަބަބުތަކާ ހެދި ކަމަށާއި ވޯޓުލާ ގަޑިތަކާއި މަރުކަޒުތައް މި މަހުގެ 30 ގައި އިއުލާންކުރާނެ ކަމަށް އީސީން ބުންޏެވެ.