ރަސްމާލެ އާއި ގުޅިފަޅުގައި ޗައިނާއާއެކު އެއްބަސްވެއްޖެއެވެ.

Ads by Asuru

ކ.ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީ ކުރާ ރަސްމާލެ އާއި ގުޅިފަޅުގައި އަސާސީ ޚިދުމަތްތައް ޤާއިމު ކުރުމަށް ޗައިނާއާއެކު އެއްބަސްވެފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީ.އައި.އޭ) ގައި މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުންނެވެ.

”ރަސްމާލެއާއި ގުޅިފަޅު ޑިޒައިން ކުރުމާއި، ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ކަރަންޓްގެ ނިޒާމު، ފެނުގެ ނިޒާމު، ނަރުދަމާގެ ނިޒާމު، ޑީ-ވޯޓަރިން ނިޒާމު، ފަޔާ ނިޒާމު، ގޭސް ނެޓްވާކް އަދި މަގު ހެދުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެވުނު،“ ރައީސް މުޢިއްޒު އިއްޔެ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ޤާއިމުކުރުމަށް ވެސް ޗައިނާ އާއިއެކުގައި އެއްބަސްވުން ހެދިފައިވާކަން ފާހަގަކުރެއްވިއެވެ.

ރަސްމާލެ ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިންނެވެ. މި ބިޔަ މަޝްރޫޢުގެ ދަށުން، އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރާ ރަސްމާލެ ހިއްކުމަށް ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރެއެވެ.