ޗައިނާގެ ޝިއާމަން އެއަރއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

Ads by Asuru

ޗައިނާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅަށް ފަހުގައި، ދިވެހިރާއްޖޭގެ ނޫސްވެރިންނާއި ބައްދަލުކުރައްވަވައި، ރައީސް މުޢިއްޒު ވަނީ މިކަން ހާމަކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ވަރަށްގިނަ މަޝްވަރާތައް ކުރެވި، ވަރަށް ގިނަ ކާމިޔާބީތައް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިގޮތުން ރާއްޖެއާ ޗައިނާއާ ދެމެދު ސީދާ ފްލައިޓްތައް އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް، އެންމެމަތީ ފެންވަރުގައި ކުރެވިގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

”މި ދަތުރުގައި ޝިއާމަން އެއަރއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް، މި ސްޕްރިންގގައި ފެށުމަށްޓަކައި އެފަރާތުން ވަނީ ކަނޑައަޅާފައި.“. ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޝިއާމަންއިން މާލެއަށް އަދި މާލެއިން ޝިއާމަންއަށް ސީދާ ފްލައިޓް ދަތުރުތައް އޮންނާނެ ކަަމަށް ރައީސް ވަނީ ވިދާޅުވެއެވެ.

”ޑައިރެކްޓް ފްލައިޓްތައްވެސް އިތުރުވާނެ. އޭގެ ސަބަބުން އަދި އޭގެއިތުރަށް، މާކެޓިންގ އިތުރަށް ފުޅާކުރެވިގެންދާނެ، ޗައިނާގެ ޓޫރިސްޓުންނަށް.“. އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 20 އެއްބަސްވުމެއްގައި، ދެ ޤައުމުގެ ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވެއެވެ.