ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ދިވެހި ޤައުމުގެ މިއަދާއި، މާދަމާ އަދި ކުރިމަގުގެ ނަސީބު ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރައީސް އަށް ތަޢުރީފު ކުރައްވައިފިއެވެ.

Ads by Asuru

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ކާގޯ ޓާމިނަލް ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސަޢީދުގެ ވާހަކައިގައި ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިން، ރައީސް މުޢިއްޒުއާއި މެދުގައި ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، ބޭރު ޤައުމެއްގެ ވެރިޔަކު ރާއްޖޭގެ ވެރިޔަކާއިމެދު އެފަދަ ބޮޑު ހިތަކާއިއެކު، އެހައި ގާތްކަން ބެހެއްޓެވިތަން ފެނިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވިއެވެ. އެ ދަތުރުފުޅުގައި ދިވެހީން މިއިން ޒަމާނެއްގައި ވެސް ދެކެފައިނުވާ ތަރައްޤީ އާއި ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

”އެއާއިއެކު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ފަޚުރުވެރިކަމާއިއެކު ދަންނަވަން، އަޅުގަނޑުމެންނަށް މިއަދު ލިބިފަ މިހުރި ރައީސުލްޖުމްހޫރިއްޔާ އަކީ އިރާދަކުރެއްވިއްޔާ، މި ޤައުމުގެ މިއަދާ، މާދަމާ އަދި ކުރިމަގުގެ ނަސީބު.“ މިނިސްޓަރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން އިންތިޤާލީ މަރުހަލާގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއި މިހާރު ކުރިއަށްދާ މުހިންމު މަޝްރޫޢުތައް ވަރަށް ގާތުން ބެއްލެވިކަމަށެވެ.

އެގޮތުން އެއަރޕޯޓަށް ވަޑައިގެން ދެ ގަޑިއިރުވަންދެން އެއަޕޯޓްގެ އިންސްޕެކްޝަންއެއް ހެއްދެވުމަށްފަހު، ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމައި ޚިދުމަތަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް އިރުޝާދު ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ ހުޅުވި 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭ ޓާމިނަލްއާ ގޫޅޭގޮތުން ސަޢީދު ވިދާޅުވީ ރައީސްގެ އަމާޒަކީ ޓާމިނަލްގެ ކެޕޭސިޓީ އަދިވެސް އިތުރު ކުރުން ކަމަށެވެ. އަދި މިހާރުން މިހާރަށް މަސައްކަތް ފަށައި ކާގޯ ޓަމިނަލްއިން މުދާ ހޭންޑަލްކުރެވޭ މިންވަރު ތިން ލައްކަ ޓަނަށް އިތުރުކުރުމަކީ އެމަނިކުފާނު އެދިލައްވާ ގޮތް ކަމުގައި ވިދާޅުވިއެވެ.