ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަން ބޭނުންވާ ޢާއިލާތަކަށް އެ ފުރުޞަތު ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ހުޅުވައިލައިފިއެވެ.

Ads by Asuru
އެ މިނިސްޓްރީން ބުނީ އަޅާލާނެ ބަޔަކު ނެތުމުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޯސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް މިނިސްޓްރީގެ ހޮޓްލައިން 1433 އަށް ގުޅައި ނަން ނޯޓްކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާތަކުގެ ތެރޭގައި ބޮޑުކުރުމަށްޓަކައި އާއިލާތަކާ ހަވާލުކޮށްގެން ނުވަތަ ފޮސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމު ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ގެ ނަމުގައި ޕޮރަގްރާމެއް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ގައެވެ.

އެގޮތުން މިއީ ސަރުކާރުގެ ”ހަފުތާ 14“ ގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ވެސް 164 ކުދިން އެބަތިއްބެވެ.

މިނިސްޓްރީން ބުނި ގޮތުގައި ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ގެ މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ގޮތުން އެ ކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރުމެވެ.