ސްރީލަންކާ އާއި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިންގަމުންދިޔަ ތަމްރީން ޕްރޮގްރާމްތައް ކޮވިޑް-19ގެ ޕެންޑެމިކާއި ގުޅިގެން ހުއްޓިފައިވާތީ، އަލުން އެ ޕްރޮގްރާމްތައް ފެށުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެެވެ.
މިކަމުގެ މަޝްވަރާ ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު އެ ބައްދަލުކުރެއްވުމުގައި އަސްލަމް ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވި ދައުވަތަށް ޝުކުރު އަދާ ކުރައްވައި ޒަމާނުއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަ ކުރައްވައިފައެވެ.
ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކައިގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަސްލަމް ވަނީ ސްރީލަންކާގެ އެކްޓިން ފޮރިން މިނިސްޓަރު ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލުކުރައްވައިފައެވެ.