މާލެ ސިޓީގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، މާލެއާއި ވިލިމާލޭގެ ޕާކުތަކާ މިސްކިތްތައް ސީސީޓީވީގެ ނިޒާމުން ގުޅުވާލައިފިއެވެ.

Ads by Asuru

ރޭ ލޮނުޒިޔާރާތް ޕާކުގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި، މި ނިޒާމް އިފްތިތާހު ކޮށްދެއްވީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ނިޒާމުން މުޅި މާލޭގެ މިސްކިތްތަކާއި ޕާކުތައް ގުޅުވާލެވިފައިވާއިރު، އެތަންތަނުގައި ހިނގާ ނޭދެވޭ ކަންކަން މާލެ ސިޓީ ކައުންސިލަށް ވަގުތުން ބެލި، ފިޔަވަޅު އެޅިގެންދާނެއެވެ. އެގޮތުން މާލެ، އަދި ވިލިމާލޭގެ 40 މިސްކިތް ވަނީ ސީސީޓީވީ ވިއުގައިން ގުޅުވާލެވިފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެކައުންސިލުގެ އަމާޒަކީ މުޅި މާލެވެސް ސީސީޓީވީ ނިޒާމުން ގުޅުވައިލުން ކަމަށާއި، މިސްކިތްތަކާއި ޕާކުތައް ގުޅުވައިލުމަކީ މި މަޝްރޫއުގެ ފެށުން ކަމުގައެވެ.

މަސްތުގެ ހާލުގައި ތިބޭ މީހުން މިސްކިތްތަކާއި ޕާކުތަކުގައި ނޭދެވޭ އަމަލުތައް ހިންގުން އާންމުވަމުން އަންނައިރު، މި ނިޒާމުގެ ސަބަބުން އެކަން ވަރަށް ބޮޑަށް މަދު ކުރެވިގެންދާނެއެވެ.

މުޅި މާލެ ސިޓީ ކެމެރާތަަކަކުން ގުޅުވާލުމަކީ ސިޓީ ކައުންސިލުގެ މިހިނގާ ހަތަރުވަނަ ދައުރުގެ މުހިންމު އަމާޒެކެވެ.