ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން، ދެ ޤައުމުގެ ދެމެދުގައި ދެން އެންމެ އަވަހަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

Ads by Asuru

ާދިވެހި ސަރުކާރުން އެންމެ ފަހުން ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިއްބެވެ.

މި އަހަރުގެ މާޗު މަހުގެ 15ގެ ކުރިން އެ ޤައުމުގެ ސިފައިން ގެންދަން ސަރުކާރުން އެދިފައިވާއިރު، މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އެއްޗެއް ވިދާޅެއް ނުވެއެވެ.

ތަރުޖަމާނު އިންޑިއާގެ ނޫޫސްވެރިންނަށް ވިދާޅުވީ، ރާއްޖެއާއިއެކު ކުރިއަށް އޮތް ތަނުގައި ވެސް، ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭގޮތުން ދެ ޤައުމުގެ ހައި ލެވެލް ކޯ ގްރޫޕުން ބޭއްވި ބައްދަލުވުމާއި ގުޅޭ އިތުރު ބައްދަލުވުމެއް ވަރަށް އަވަހަށް އިންޑިއާގައި ބާއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ، ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ވަޑައިގަތުމުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުން އޮންނާނެ ތާރީޚެއް ވިދާޅެއް ނުވެއެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު، އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު  ދާދި ފަހުން ބައްދަލުކުރެއްވިއެވެ.

ދެ ވަޒީރުން ބައްދަލުކުރައްވާފައިވަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާދެމެދު ކުރަމުންދާ ހައި-ލެވެލް މަޝްވަރާތަކާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.