މަސް ކިރުމަށްފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ދާއިމީ ގޮތެއްގައި ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
”އަޅުގަނޑުމެންނަށް އެކަން އެނގިހުރެ މަސްވެރިންނާ ހަވާލުވީ، ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމާ ރައީސް ހަވާލުވެލެއްވީ. އެ ކަން ހައްލުކުރުމުގެ މަސައްކަތްޕުޅު އެމަނިކުފާނު ރެއާދުވާލު އެބަ ކުރައްވާ.“
މިނިސްޓަރު ވިދާޅުވީ މަސްވެރިން ކިރާފައި ލިބޭ ފައިސާ، މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ދެވޭނެ ނިޒާމު ރައީސް މުޢިއްޒު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމުގައެވެ.
ޝިޔާމް ވަނީ މީގެކުރިން މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިފައި ހުރި މަޝްރޫޢުތަކާއިއެކު، އަލަށް އައިސް ޕްލާންޓް ގާއިމްކުރަން ޖެހޭ ތަންތަނުގައި އައިސް ޕްލާންޓް ގާއިމްކުރެވުމުން ރާއްޖޭގެ މަސްވެރިން އައިސް ބޭނުންވާ މިންވަރަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.