އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު ކަމަށް ރައީސް އޮފީހުން މިރޭ ވިދާޅުވެއްޖެއެވެ.

Ads by Asuru

މި ހިތާމަވެރި ވަގުތުގައި، ނިޔާވި ޖާހުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޖާހުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުޞީލީ މަޢުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސް ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައެވެ.

އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް މުޢިއްޒު ވަނީ މިއަދު އެދިވަޑައިގެންފައެވެ.

މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސްގެ ހެޔޮ ދުޢާތައް ވަނީ  ޖާހު ޚާލިދާއި އެ މަރުޙޫމްގެ ޢާއިލާއާ އެކުގައި ކަމަށް ވެސް ރައީީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.