ސައުވީސް ގަޑިއިރުގެ ތެރޭގައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްގައި ތިންވަނަ ފަހަރަށް ބަލި މީހަކު އުފުލުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު، އާދަމް ޝަރީފު އުމަރު ވިދާޅުވީ ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކު މާލެ ގެނައުމަށް، ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް މިރޭ 1:30ގައި މާލެއިން ފުރާނެ ކަމަށެވެ.

މިއީ ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި، މޯލްޑިވިއަނުން އިމަޖެންސީކޮށް ޗާޓަރު ފްލައިޓުގައި މީހުން އުފުލާ ތިންވަނަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފު މިކަން ފާހަގަކުރެއްވިއިރު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ 2021 ‏ވަނަ އަހަރުން ފެށިގެން ފެންނަން ހުރި ތަފާސްހިސާބަށް އަލިއަޅުވައިލައްވައި، މާލެ އަށް ބަލި މީހުން ގެނައުމުގައި މޯލްޑިވިއަންގެ ދައުރު ބޮޑު ކަމަށް ވިދާޅުވެފައެވެ.

އެގޮތުން 2021 ވަނަ އަހަރުން ފެށިގެން، ޕޭޝަންޓުން އިވެކުއޭޓް ކުރުމުގެ 93 އިންސައްތަ ހިންގައިފައިވަނީ މޯލްޑިވިއަނުންކަން ފާހަގަކުރައްވައިފައިވެއެވެ.

އަދި މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް ދަތުރުތަކަށް ވުރެ ބޮޑަށް އިމަޖެންސީގައި ބަލި މީހުން މާލެ ގެނައުމުގެ ކޭސްތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުޞޫލުތައް ބަދަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވެސް ރޭ ވަނީ ވިދާޅުވެފައެވެ.

ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ގެނައި ކުއްޖާ ނިޔާވި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައިވާއިރު، މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަމާ ގުޅުންހުރި އިދާރާތަކށް އަންގަވައިފައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ވެސް ތަޢާރަފު ކުރުމެވެ.