މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

Ads by Asuru

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓް ހެއްދުމަށް އަންނަ ފަރާތްތަކަށް ހިނދުން ހިނދަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެނައި ބަދަލެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ޚިދުމަތް މިހާރު ލިބިގެންދާނެކަމަށާއި، މިފަދަ ފަރާތްތަކަށް އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.

އަދި ޕާސްޕޯޓުގައި ޖެހުމަށް ބޭނުންވާ ފޮޓޯ ނެގުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން މެޑިކަލް އިމަރޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް އެފަރާތުން ބޭނުންވާނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއިއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.