އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ ދެ ޕާޓީގެ ބުނެފިއެވެ.

Ads by Asuru

މިކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގައި ދެޕާޓީން ގުޅިގެން ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑިމޮކްރެޓްސް ޕާޓީގެ ރައީސް ޙަސަން ލަޠީފު ވިދާޅުވީ ދެ ޕާޓީން އެއްބަސްވެގެން، މަޖިލިހުގެ މެމްބަރުންގެ އަދަދު އިތުރު ނުވާގޮތަށް ހެދުމަށާއި އަދި ސިޔާސީ މަޤާމްތަކުގެ އަދަދު ޤާނުނު އަސާސީން ކަނޑައެޅުމަށް، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށްވެސް އެއްބަސް ވެފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުންނަށް ރުހުން ދިނުމަށާއި މަޖިލިސް އިންތިޚާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް މަޝްވަރާކުރުމަށްފަހު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، އެ ގްރޫޕުގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވަނީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް، މި މަހުގެ 18 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީ ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިޤްތިޞާދީ ކަންކަމާއި އެ ނޫން ވެސް ކަންކަމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެހެންވެ، ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވަން ދެ ޕާޓީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.