ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު، މ.ދިމްޔާތުގައި، ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ބައްދަލު ކުރެއްވި ކަމަށް ބުނެ ފަތުރަމުން ދިޔަ ވާހަކަތައް މަހުލޫފު ދޮގު ކުރައްވައިފިއެވެ.

Ads by Asuru

ސޯޝަލް މީޑިއާގައި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި، މިކަން ހާމަކުރައްވަމުން ލިޔުއްވައިފައި ވަނީ ”އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާއި މ. ދިމްޔާތުގައި ބައްދަލު ކުރި ކަމަށް ބުނެ ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް“ ކަމުގައެވެ.

”ރައީސުލްޖުމްހޫރިއްޔާ އަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއްކަމަށް އަޅުގަނޑު ނުދެކެން.“ އޭނާ ވިދާޅުވިއެވެ.

މަހުލޫފު ރައީސް މުޢިއްޒުއާ ބައްދަލު ކުރެއްވި ކަމަށް ބުނެ އަޑު ފެތުރީ ”ހަސަން ކުރުސީ“ގެ ނަމުގައި، އެކްސްގައި ހިންގާ އެކައުންޓަކުންނެވެ.

މިފަދަ ވާހަކައެއް ފެތުރިއިރު، އިދިކޮޅު ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ވާހަކަތަކެއް ދެއްކެވިއިރު، މަހުލޫފު އެކަމާ ދެކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން، ބަޣާވާތަކުން ވައްޓައިލުމާ ދެކޮޅު ކަމަށާއި އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށެވެ. އަދި އިންތިޚާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.