ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި 283 ފަރާތަކުން ވާދަ ކުރާކަން އެ ކޯލިޝަނުން ހާމަކޮށްފިއެވެ.

Ads by Asuru

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ދެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި 32 އަންހެން ބޭފުޅުން ވާދަ ކުރައްވާ ކަމަށެވެ.

އަދި އިތުރު ކެންޑިޑޭޓުން ވާދަ ނުކުރައްވާތީ 13 ފަރާތަކަށް ޓިކެޓު ކަށަވަރުވިކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންތިޚާބު ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައި ކުރިއަށް ގެންދިޔުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

”އަޅުގަނޑުމެންނަކީ އަބަދުވެސް އެހެން ޕާޓީތަކަށާއި ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވުން އެއީ، އަޅުގަނޑުމެން ބޭނުންވާ ގޮތަކީ.“

އޭނާ އިތުރަށް ވިދާޅުވީ، މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާއިއެކު ޕްރައިމަރީތައް ކުރިއަށް ގެންގޮސްފައިވާނީ ޕީޕީއެމް/‏ޕީއެންސީން ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.