ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ވަރަށް އަމާންކަމާއިއެކު ކުރިއަށްދާ ކަމަށްސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މި ޕްރައިމަރީގެ ވޯޓުލުން ފަށައިއިވަނީ މިއަދު ހެނދުނު 10:00 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަވީރު 5:00 އާ ހަމައަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި 71،597 މީހަކަށް ވޯޓުލެވެއެވެ.

އާދަމް ޝަރީފު މިއަދު ”އަސުރަށް“ ވިދާޅުވީ ވޯޓުލުމުގެ ކަންކަން ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމަށާއި، ޕްރައިމަރީއަށް ތަރުހީބު ވެސް ބޮޑު ކަމަށެވެ. އެގޮތުން، އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން ހޮވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދާނީ 77 ދާއިރާއެއްގައެވެ.

ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޕީއެންސީގެ 13 ބޭފުޅަކަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ. މި ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ.