ރައްޔިތުން ބަނޑަށް ޖައްސައިގެން ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށް އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ.

ނިހާދު އެކްސްގައި ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ރާއްޖެއަށް ލިބެން ހުރި އެހީތަކާއި ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކަމަށެވެ.

”އޭގެ ސަބަބުން ޤައުމު ހުއްޓި، ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް.“ ނިހާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބަނޑަށް ޖައްސައިގެން ހޯދޭނެ މޮޅެއް ނޯންނާނެ ކަމަށާއި، ޒިންމާދާރު ޕާޓީއަކުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށެވެ.

ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލަ ހޫނުވެ މަޖިލީހުގައި ހަމަނުޖެހުން ހިންގައި މާރާމާރީ ވެސް މިއަދު ވަނީ ހިންގައިފައެވެ.

މާރާމާރީ ހިންގާފައިވަނީ މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ވޯޓަށް އަހަން ކައިރިވެފައިވަނިކޮށް، 22 ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމުމާއި ގުޅިގެން، ވޯޓަށް އެހުނަ ނުދީ، ސަރުކާރަށް ތާއުދު ކުރާ މެމްބަރުން މަޖިލީސް ތަޅު އެޅުވުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި އާއްމުން ވެސް ދަނީ ތަރައްޤީއަށް ހުރަސް ނޭޅުމަށް ގޮވައިލައި، މަޖިލިސް ކައިރިއަށް އެއްވެ އަޑު އުފުލަމުންނެވެ.