ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ދުނިޔޭގެ ކޯޓުގެ ގޮތުގައި ބަލައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމެވީ، އެންމެ ފަހުން ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގާ ޤަތުލުޢާންމު ކުށްވެރިކޮށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ޤަތުލްޢާންމު މަނާ ކުރުމާއި އެ ކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާއާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލަ އެ ޤައުމުން އައިސީޖޭއަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު 29ގައެވެ.
ކެބިނެޓްގެ ނިންމެވި ނިންމެވުންތަކުގެ މައުލޫމާތު ޙިއްޞާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާކަމަށެވެ
. އަދި އެ މައްސަލައިގައި ދިވެހި ސަރުކާރުގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ޔަހޫދީންނާއި ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅުމާއެކު ވެސް ރާއްޖެއިން ވަނީ އެ ކަމަށް މަރުހަބާ ކިޔާފައެވެ.